ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފި އެވެ.

އެސްޓީއޯ ރަމަޒާން ބާޒާރުގެ ބޮޑު އިނާމަކަށް 100،000 ރުފިޔާ
އެސްޓީއޯ ރަމަޒާން ބާޒާރުގެ ބޮޑު އިނާމަކަށް 100،000 ރުފިޔާ

ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުން ހާއްސަ ސޭލްތަކާއި ޕްރޮމޯޝަންތަކެއް ރާވާ ކުރިއަށް ގެންދެ އެވެ.

މި އަހަރުގެ ޕްރޮމޯޝަން ރަސްމީކޮށް ފެށީ، މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާއަކުންނެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހްމަދު ޝަހީރު އެވެ.

އެސްޓީއޯއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، 500ރ އިން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން 1 ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަން ނިމުމާއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރ. ގެ ފައިސާގެ އިނާމު ލިބިގެންދާނެ އެވެ.

މި އަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ގަތުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.

މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 18 މާޗު 2026 ގެ ނިޔަލަށެވެ.