ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން ބިނާވެގެންވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ އެކުވެރިކަމާ، އިތުބާރާއި، އަދި ދެ ގައުމުން ބައިވެރިވާ، ދުނިޔޭގެ ސުލްހަ މަސަލަސްކަމާ ހަމަޖެހުމުގެ އަސާސްތަކުގެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ރަސްގެފާނު، ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކިންގް ޗާލްސްއަށް ތަހުނިޔާ އާއި، ހެޔޮއެދުންތައް އަރިސް ކުރައްވާފަ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ތިމާވެށި ހިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ތަރައްގީ އާއި، އާސާރީ ތަރިކަ ރައްކާތެރިކުރުމަށް، ކިންގް ޗާލްސް ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، އެކަންކަމަކީ ރާއްޖެއިންވެސް ވަރަށް އިސްކަންދޭ ކަންތައްތަކެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި ޗާލްސްގެ ޒައާމަތުގެ ދަށުން، އެއްބައިވަންތަކަމާ، ޒިންމާދާރުކަމާއެކު، ބައިނަލްއަގްވާމީ ފެންވަރުގައި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މި އަހަރަކީ، އިނގިރޭސިވިލާތާއި، ދިވެހި ރާއްޖެއާ ދެމެދު، ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް އިތިރަށް ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީ އާއި، ސަގާފަތް ދިރުވައި އާލާކުރުމުގެ ބިންގަލުގެ މަތީގައި، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުންތައް، ދާދި ފަހުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުންތަކުގެ ތެރެއިން ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އޭގެތެރޭގައި، ރައީސް ޑރ. މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅާއި، އެމަނިކުފާނު، ކިންގް ޗާލްސްއާއެކު ބޭއްވެވި އެކަހެރި ބައްދަލުވުމާއި، އަދި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ނައިބު ރައީސް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި، ކިންގް ޗާލްސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެއިތުރިން، 1965 ވަނަ އަހަރުގެ ޖުލައި މަހު، ރާއްޖެއަށް މިނިވަންކަން ލިބުނުކަމުގެ އެގްރިމެންޓްގައި، ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު، ދިވެހި ރާއްޖެއާ ހަވާލުކުރެއްވުމަކީ، ވިސްނުންތެރިކަމާއެކު އެޅުއްވި ރަމްޒީ ފިޔަވަޅެއްކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ނައިބު ރައީސް ވަނީ އިނގިރޭސިވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދެ ގައުމަށް ކުރިއެރުމާއި، އަމަން އަމާންކަމާއި، އަދި ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން، ގުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.