ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ޑިޕޯޓިވޯ އަލަވޭސް ބަލިކޮށްފި އެވެ.

އަލަވޭސް ބަލިކޮށް ރެއާލްއަށް ހަމަޖެހުމެއް
އަލަވޭސް ބަލިކޮށް ރެއާލްއަށް ހަމަޖެހުމެއް

ފޯމު ދަށްވެފައި އޮތް ރެއާލުން ރޭ ރަށުން ބޭރުގައި މޮޅުވެ، މިވަގުތު ލީގުގެ ދެވަނައިގައި އޮތީ 17 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމަށް ވުރެ ދެ މެޗު މަދުން ކުޅެގެން ވިޔަރެއާލް ތިންވަނައިގައި އޮތީ 35 ޕޮއިންޓާއެކު އެވެ. އަދި 43 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ.

އަލަވޭސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ނަގައިދިނީ، އަނިޔާއިން ސަލާމަތްވެ ރޭގެ މެޗުގައި އަލުން ކުޅުމާ ބައިވެރިވި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ. މިއީ މިފަހަރުގެ ލީގުގައި އޭނާ ޖެހި 17 ވަނަ ލަނޑެވެ.

ނަމަވެސް، މެޗުގެ 68 ވަނަ މިނެޓުގައި، ރެއާލްގެ ޑިފެންސް ކުރިއަށް ޖެހި އޮތް ވަގުތު އަލަވޭސްއިން އުފެއްދި އެޓޭކެއްގައި ލަނޑު ޖަހައި އެ ޓީމުން ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު ކާމިޔާބުރީ ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން ނުކުތް ކާލޯސް ވިސެންޓޭ އެވެ.

ފަހަކަށް އައިސް ނެރުނު ދަށް ނަތީޖާތަކާއެކު ޕްރެޝަރު ބޮޑުވެފައި އޮތް ރެއާލް ރޭގެ މެޗުން މޮޅުކޮށްދިނީ ބްރެޒިލް ފޯވާޑް ރޮޑީގޯ އެވެ. މިއީ މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުގެ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން ރޮޑްރީގޯ ޖަހައިދިން ލަނޑެކެވެ. ގިނަ ދުވަސްތަކަކަށް ފޯމު ގެއްލިފައި ހުރުމަށް ފަހު ރޮޑްރިގޯ ވަނީ އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލަނޑު ޖަހާފަ އެވެ.

މެޗުގެ ފަހުކޮޅު އަލަވޭސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު ވިނީއަށް ފައުލު ކުރި ކަމަށް ބުނެ ރެއާލުން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް، ރެފްރީ ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ.

ރެއާލުން ރޭގެ މެޗުން މޮޅުވެފައި މިވަނީ، ނަތީޖާތައް ރަނގަޅު ނުވާތީ އެ ޓީމުގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.