ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 38000އެއްހާ މުވައްޒަފުން ތިބިއިރު އޭގެތެރެއިން 12 ކުންފުންޏަކަށް މިއަހަރުގެ ފުރަތަމަ ކުއަރޓާގައި 280 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕީސީބީން އާންމުކޮށްފައިވާ މިއަހަރުގެފުރަތަމަ ކުއަރޓާ ރިވިއުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ތިބީ 37،900ށް ވުރެ ގިނަ މުވައްޒަފުންނެވެ. މިދިޔަ އަހަރުގެފުރަތަމަ ކުއަރޓާގެ ރިވިއުގައިވާ ގޮތުން އެމުއްދަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބީ 33،000 މުވައްޒަފުންނެވެ. އެހެންކަމުން މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 4900 މުވައްޒަފުންގެ އިތުރުވުމެކެވެ.
ރިވިއުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކުންފުނިތަކަށް އާމްދަނީ ގޮތުގައި ލިބިފައިވަނީ 13.29 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓާގައި އާމްދަނީގެ ގޮތުގައި 14 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މިދިޔަ އަހަރު ފައިދާ ގެ ގޮތުގައި 2 ބިލިއަން ރުފިޔާ އޮތްއިތު މިއަހަރު ފައިދާގެ ގޮތުގައި ހިސާބުކޮށްފައިވަނީ 1.76 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އާއި ފައިދާވެސް މިވަނީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާކިޔާއިރު ދަށްވެފައެވެ.
ރިވިއުއިން ހާމަވާ ގޮތުގައި ގެއްލުމުގައި ހިންގި ކުންފުނިތަކުގެ ތެރޭގައި ގިނައީ ދައުލަތުގެ ބަޖެޓް ސަޕޯޓް ފޯރުކޮށްދޭ ކުންފުނިތަކެވެ. ދައުލަތުގެ ބަޖެޓުން 12 ކުންފުންޏަކަށް ފައިސާ ދެމުންދާއިރު 10 ކުންފުންޏެއް ހިންގާފައިވަނީ ގެއްލުމުގައެވެ.
ރިވިއުން އެނގޭގޮތުގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އަށެވެ. އެކުންފުންޏަށް 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އެކުންފުންޏަށް މިދިޔަ އަހަރުގެ އެމުއްދަތުގައި ގެއްލުންވެފައިވަނީ 39.35 މިލިއަން ރުފިޔާއިންނެވެ.
ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އައިލެންޑް އޭވިއޭޝަނަށެވެ. އެކުންފުންޏަށް 46.36 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. ނަމަވެސް މިއީ ސަރުކާރުން ބަޖެޓް ދޫކުރާ ކުންފުންޏެއް ނޫނެވެ.
ތިން ވަނައަށް އެންމެ ބޮޑު ގެއްލުމެއްވެފައިވަނީ ފެނަކައަށެވެ. އެއީ 33.72 މިލިއަން ރުފިޔާއެވެ. މީގެއިތުރުން ކުރިން ފައިދާގައި ހިންގަމުންދިޔަ އެމްޓީސީސީއަށް ވަނީ 19.66 މިލިއަން ރުފިޔާގެ ގެއްލުންވެފައެވެ. މިއީވެސް ސަރުކާރުން ބަޖެޓް ދޫކުރާ ކުންފުންޏެއް ނޫނެވެ. އެމްޓީސީސީއަށް މިދިޔަ އަހަރުގެ މިމުއްދަތުގައި ވަނީ 5.24 މިލިއަން ރުފިޔާގެ ފައިދާވެފައެވެ.
ގެއްލުންވި އެހެން ކުންފުނިތައް:
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނި: 17.55 މިލިއަން ރުފިޔާ
ޕޯސްޓް ލިމިޓެޑް: 2.26 މިލިއަން ރުފިޔާ
ޕީއެސްއެމް: 5.72 މިލިއަން ރުފިޔާ
ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން: 7.15 މިލިއަން ރުފިޔާ
ހައްޖު ކޯޕަރޭޝަން: 6.60 މިލިއަން ރުފިޔާ
ބީސީސީ: 3.65 މިލިއަން ރުފިޔާ
ފަހިދިރިއުޅުން ކޯޕަރޭޝަން: 14.05 މިލިއަން ރުފިޔާ
ޓްރޭޑްނެޓް: 10.55 މިލިއަން ރުފިޔާ
މިއާއެކު ކުންފުނިތަކަށް ލިބުނު ގެއްލުމުގެ އަދަދު 281 މިލިއަން ރުފިޔާއަށް އަރައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ބޮޑެތި އަދަދުތަކުން ޚަރަދުކުރަންޖެހުމަކީ އަބަދުވެސް ފިނޭންސް މިނިސްޓްރީންނާއި ޕީސީބީން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރާ ކަމެކެވެ. ނަމަވެސް ސިޔާސީ ފައިދާތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަރުކާރުތަކުން ގެންދަނީ ގިނަ އަދަދަކަށް ޚަރަދުކުރަމުންނެވެ. ދައުލަތުން ކުރާ ހޭދަ ބޮޑުވާއިރު ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައްވެސް މިކުންފުނިތަކުން ވަނީ ފެންމަތިވެފައެވެ.
ސިޔާސީ މަގްސަދު ހާސިލުކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުނިތަކަށް ނަގަމުންދާއިރު މިއަހަރުގެ ފުރަތަމަ ކުއަރޓާ ރިޕޯޓުގައިވާ ގޮތުން ސިވިލް ސަރވިސްގައި ތިބި 30،436 މުވައްޒަފުންނަށްވުރެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 7000ށް ވުރެ މައްޗެވެ.