ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތަށި ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ހޯދިއިރު، އަންހެން ޑިވިޝަންގެ ތަށި ކުއީންސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.

މިފަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ ޓީރެކްސް އާއި ކުއީންސް އިންނެވެ.
ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ޓީމާ ތަށި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ.
ރޭ ކުޅުނު މުބާރާތުގެ ފިރިހެން ފައިނަލް މެޗު ޓީރެކްސްއިން ކާމިޔާބުކުރީ ކިންގްސް ބާސްކެޓްބޯލް ކްލަބްގެ މައްޗަށް 77-74 ޕޮއިންޓުން ކުރިހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ކުއާޓަރގައި، ޓީރެކްސްއިން ވަރުގަދަ ކުޅުމެއް ދައްކައި ލީޑުގައި ނިންމާލި ނަމަވެސް، ދެވަނަ ކުއާޓަރގައި ކިންގްސްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެކަމަކު ޓީރެކްސްއިން ވަނީ ޖެހިގެން އައި ދެ ކުއާޓަރގައި އަލުން ކުޅުން ރަނގަޅުކޮށް މެޗުން މޮޅުވެފަ އެވެ.
މި މެޗުގައި ޓީރެކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އައިކް އަހްމަދު މައުރޫފް އެވެ. އަދި ކިންގްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިިދިނީ މަފާޒް މުހައްމަދު އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި، ކުއީންސްއިން މިސްޓިކްސް ބާސްކެޓްބޯލް ކްލަބް ބަލިކުރީ 71-66 ޕޮއިންޓުންނެވެ.
މެޗުގައި ކުއީންސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އައިމިނަތު ޝިއުރާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މިސްޓިކްސްގެ ސާރާ ޒާޝާ ޒަކަރިއްޔާ އެވެ.