ހުޅުމާލެ ބެލެހެއްޓުމަށްޓަކައި އިތުރު އިންވެސްޓްމެންޓްތަކެއް ކުރިއަށް ގެންދާނަން ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިން ޑިރެކްޓާ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އެޗްޑީސީއިން "އެސްޓޭޓް ސެކިއުރިޓީ ސާވިސް"ގެ ނަމުގައި ތައާރަފް ކޮށްފައިވަ ހާއްސަ ހިދުމަތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒުހައިރު ވިދާޅުވީ އެ އިންވެސްޓްމެންޓް ތަކުގެ ތެރޭގައި ހާއްސަގޮތެއްގައި ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށެވެ.
މީގެ އިތުރުން މިކަމުގައި ބަލާނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭ ތަނަކަށް ހެދުންކަމަށް ޒުހައިރު ވިދާޅުވިއެވެ. އެގޮތުން ގޮނޑުދޮށްތަކާއި ޕާކުތައް ބެލެހެއްޓުމާއި ވޯޓާ ސްޕޯޓްސްގެ ހިދުމަތްތައް ރަނގަޅުކޮށް މޫދަށް އެރޭ މީހުންނަށް ދޭ ހިދުމަަތްތައް ދިނުމާއި މަގުމަތި ބެލެހެއްޓުމަށްވެސް ނިންމާފައިވާކަމަށް ޒުހައިރު ވިދާޅުވިއެވެ.
މި ޕްރޮގުރާމުގެ ދަށުން ފުރަތަމަސް މަސައްކަތް ކުރަމުން ގެންދާނީ ސްޓޭޓް ސެކިއުރިޓީ ސާވިސްގެ އޮނިގަނޑަށް ބަދަލުގެނެސް އޮނިގަނޑު ރަނގަޅުކުރުމަށާއި އޮނިގަނޑާއެކު ބެލެހެއްޓޭނެ ގޮތްތަކަށް ރާވާ ހިންގުންމަށްކަމަށާއި ޒަމާނި ފެންވަރަށް އާލާތްތައް ގެނެވި ކަންތައްތައް ކުރަން ފަށަންކަމަށް ޒުހައިރު ވިދާޅުވިއެވެ.
މީގެ އިތުރުން މިކަން ކުރިއަށްދާނީ ސީސީޓީވީ ގެ އިތުރުން އެހެން ވަސީލަތްތަށްވެސް ބޭނުންކުރެވިގެން ކަމަށް ވިދާޅުވިއެވެ.
އެގޮތުން ކަމާބެހޭ ފަރާތްތަކާއި، އިދާރާތަކާއި ގުޅިގެން ސެކިއުރިޓީ ކަންކަމާ ބެހޭގޮތުން ތަމްރީނުދިނުމާއި ޕްރޮފެޝަނަލް ވުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދާނެކަމަށް ޒުހައިރު ފާހަގަކުރެއްވިއެވެ.
މިހާރުވެސް ވިނަރެސް ފްލެޓްގައި ސީސީޓީވީ އަދި އެއްދިމާލަކުން ބެލެހެއްޓި މޮނިޓާ ކުރެވޭނެ އޮޕްސް ރޫމެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަން ފާހަގަކުރައްވާ ޒުހައިރު ވިދާޅުވީ މިމަސައްކަތް ނިމޭ އިރު ހުރިހާ ތާކު ހުންނަ ސީސީޓީވީ ފުޓޭޖުތައް އެތަނުން ފެންނަގޮތް ހެދި ބެލެހެއްޓި އެކަން ކަން ކުރެވިގެންދާނެ އިންތިޒާމު ހަމަޖެހިފައިކަމަށެވެ.
މީގެ އިތުރުން ޒުހައިރު ވިދާޅުވީ ހަމައެކަނި ބެލެހެއްޓިގެންދާނީ ފޭސް 1 ނޫން ކަމަށާއި ފޭސް 2 އަދި ފޭސް 3 ހިއްކާ ނިމުމުން ފޭސް 3ވެސް ބެލެހެއްޓިގެން ދާނެކަމަށެވެ.
އެއާއެކު ބަނދަރު ސަރަހައްދު މެނޭޖުކުރުމާއި ބެލެހެއްޓުންވެސް ކުރިއަށް ދާނެކަމަށާއި މިއީ ރާއްޖޭގެ ވަރަށް ގިނަ މީހުން ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ތަންތަންކަމަށް ޒުހައިރު ފާހަގަކުރެއްވިއެވެ.
މި ހުރިހާ ކަމަކީވެސް އެޗްޑީސީ ހަރުދަނާކުރުމަށާއި އެޗްޑީސީ އިން ދޭ ހިދުމަތްތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށް ޒުހައިރު ވިދާޅުވިއެވެ.