ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕީއަށް 12.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެންސްޕާއިން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، ނުކުޅެންދުތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖެއްސުމުގެ ޕްރޮގްރާމުގެ ދަށުން މިދިޔަ މަހު، ޖުމްލަ 359 މީހަކަށް ވަނީ ފަރުވާދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 252 ފިރިހެނުންނާއި 107 އަންހެނުންނެވެ.
އެންސްޕާއިން މިދިޔަ މަހު އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބިހޭވިއާ ތެރަޕީއަށެވެ. އެގޮތުން ބިހޭވިއާ ތެރަޕީއަށް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހެން މަސްތަކުގައި ވެސް އެންސްޕާއިން އާންމުކޮށް އެންމެ ބޮޑު ހަރަދެއް ކުރަނީ ބިހޭވިއާ ތެރަޕީއަށްކަން ފާހަގަކޮށްލެވެ އެވެ.
އިތުރު ތެރަޕީތަކަށް ކޮށްފައިވާ ހަރަދަށް ބަލާއިރު، އޮކިއުޕޭޝަނަލް ތެރަޕީއަށް 3.49 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ސައިކޯ ތެރަޕީއަށް 99،350 ރުފިޔާ ހަރަދުކުރި އިރު، އާލީ އިންޓަވެންޝަންއަށް ވަނީ 9،000 ރުފިޔާ ހަރަދުކޮށްފަ އެވެ.
މީގެއިތުރުން، މިދިޔަ މަހު ސްޕީޗް ތެރަޕީއަށް 3.27 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެޑިއުކޭޝަނަލް ތެރަޕީއަށް 1.88 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ފިޒިއޯތެރަޕީއަށް 118،452 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އެންމެ ގިނައިން ތެރަޕިއުޓިކް ފަރުވާ ދީފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން، މިދިޔަ މަހު 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ފަރުވާ ހަމަޖައްސާފައިވެ އެވެ. އަދި 18 އަހަރާ 64 އަހަރާ ދެމެދުގެ 17 މީހަކަށް ވަނީ ފަރުވާ ހަމަޖައްސައިދީފަ އެވެ.