މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ން ފުވައްމުލަކުގައި ގާއިމުކުރާ މަސް ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ ނިންމާ އަންނަ ހަފްތާގައި ހުޅުވޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ ފުވައްމުލުގައި އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ މެދު ތެރޭގައި ފަށާ، އެ އައިސް ޕްލާންޓާ އިންވެގެން މަސް ޕްރޮސެސްކުރާ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު އަމިއްލަ ފަރާތަކުން ފެށިކަމަށެވެ. ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން އެމަސައްކަތް ހުއްޓިފައިވާތީ މަސްވެރިކަމާ ގުޅުންހުރި އެމަސައްކަތް ފުވައްމުލައް ސިޓީގައި ފަށައިދިނުމަށް 2022 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލުން ސަރުކާރުގައި އެދުނުކަމަށެވެ. އެދުނު އެދުމާއެކު ސަރުކާރުން މިމަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ.

ނަމަވެސް އަނެއްކާވެސް އެމަސައްކަތް ހުއްޓިގެންދިޔަކަމަށާއި އެއަށްފަހު އެމަސައްކަތް އަލުން ފެށީ މިއަހަރުގެ އޮގަސްޓް މަހު މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީ ނިންމައި ޚިދުމަތް ފެށުމަށް ދެއްވި ޔަގީންކަމާއެކުގައި ކަމަށް އެކުންފުނިން ބުނެއެވެ.

މިއާއެކު މިހާރު ވަނީ އެފެސިލިޓީގެ މަސައްކަތް ނިންމާ ޚިދުމަތް ދިނުމަށް ތައްޔާރުވެފައިކަމަށާއި މިގޮތުން ސިއްހީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތްދެވޭގޮތަށް ގާއިމުކުރެވިފައިވާ މި ފެސިލިޓީއަށް އެމްއެފްޑީއޭއިން މިހާރު ވަނީ ހުއްދަވެސް ދީފައިކަމަށް މިފްކޯއިން ބުނެއެވެ.

މިއާއެކު ކުރިޔަށް އޮތް ހަފްތާތެރޭގައި މިފެސިލިޓީން ފުވައްމުލަކު ރައްޔިތުންނަށް މަސްގަނެ ޕްރޮސެސްކުރުމަށް ފެށޭނެކަމަށް އެކުންފުނިން ބުނެއެވެ.