ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އާ ޓާމިނަލުން ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި
އާ ޓާމިނަލުން ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި

އާ ޓާމިނަލުން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.

މި ރަސްމިއްޔާތުގައި ޑިސްކަވާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

އާ ޓާމިނަލުން ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 114 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި އާ ޓާމިނަލާ ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް 4Y154 އިން ރާއްޖެ އައި 301 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ޑިސްކަވާ އެއާލައިންސްއަކީ ޖަރުމަނުގެ އެންމެ ބޮޑު އަދި ޔޫރަޕްގެ ލީޑިން އެއާލައިނެއް ކަމަށްވާ ލުފްތަންސާ ގްރޫޕްގެ އެއާލައިނެކެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2022 ވަނަ އަހަރުގެ އޭޕްރިލް 24 ވަނަ ދުވަހު އެވެ.

މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ދެވަނަ އެއާލައިނެވެ. މިއާއެކު އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 31 އަށް އަރާފަ އެވެ.