ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތަމްރީންތައް އަންނަ މަހުގެ 10 ވަަނަ ދުވަހު ފަށަން ތައްޔާރުވަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދު ވިދާޅުވީ، އޮފިޝަލުންގެ ގޮތުގައި މިހާތަނަށް ކޮމިޝަނަށް ލިބިފައިވަނީ 3700 އެއްހާ އެޕްލިކޭޝަން ކަމަށެވެ. އަދި މި އިންތިޚާބަށް ޖުމުލަ 7000 އޮފިޝަލުން ބޭނުންވާއިރު، ކަނޑައަޅާފައިވާ މުއްދަތަށް އޮފިޝަލުން ހޯދުމަށް މަަސައްކަތް ކުރައްވަމުން ދާކަންވެސް ޞަލާހް ފާހަގަކުރެއްވިއެވެ.

ޞަލާޙު ވިދާޅުވީ، އޮފިޝަލުން ތަމްރީން ކުރަން ބޭނުންވާ ޓްރެއިނަރުންގެ ތަމްރީންތައް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އަދި ޓްރެއިނަރުންގެ ތަމްރީންތައް ނިމުމާއެކު އެ މީހުން މެދުވެރިކޮށް އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު ފެށޭނެ ކަމަށް ޞަލާޙު ވިދާޅުވިއެވެ. އަދި އަމާޒަކީ، މާރިޗު މަހުގެ 27 ވަނަ ދުވަހުގެ ކުރިން ހުރިހާ އޮފިޝަލުން ތަމްރީންކޮށް ނިންމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރެއްވީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އޮފިޝަލް ކަަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ މުއްދަތު މިމަހުގެ 21 ވަނަ ދުވަހަށް ހަމަވާނެއެވެ.

ޢުމުރުން 18 އަހަރުވެފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ ކޮންމެ މީހަކަށް އޮފިޝަލަކަށް ވެވޭނެއެވެ. އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2،900 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ. އަދި ވެރިޔާގެ އެހީތެރިންނަށް 2،600 ރުފިޔާ، އާދައިގެ އޮފިޝަލުންނަށް 2،300 ރުފިޔާ، ގުނާ އޮފިޝަލުންނަށް 1،800 ރުފިޔާ އަދި ރިޒަރވް އޮފިޝަލުންނަށް 1،000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަސައްކަތް ކުރާ ގަޑިތަކަށް ބަލާ ކެއުމާއި، ސައިގެ އެލަވަންސް އަދި އިތުރު ގަޑީ ފައިސާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.