ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ތަނެއްގެ ވިޔަފާރި ވަގުތުން ހުއްޓުވައި އެއްތަނަކަށް ނޯޓިސް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ބުނެފިއެވެ.

އިމިގްރޭޝަންއިން (އެކްސް ގައި) ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ 09 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.

ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އިޤުތިޞާދީ ވުޒާރާއިން ނޮވެންބަރު 27 ގައި ކުރި އިޢުލާނާ ގުޅިގެން، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅައިގެން ނުވަތަ އިޤުތިޞާދީ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ރައީސް ޑރ. މުއިއްޒު ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު ވަނީ ބުނެފައެވެ.