ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި އިހުތިޖާޖުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން، މުޒާހަރާކުރަން ފެށީ މި މަހުގެ ދިހަ ވަނަ ދުވަހުގެ ހެނދުނު އެވެ. މި އިހުތިޖާޖު ބުރާސްފަތި ދުވަހުގެ މެންދުރެއް ހާއިރުއެވެ. އިހުތިޖާޖު ރޫޅާލިއިރު އޭގެތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ތިން މީހުންނަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އިހުތިޖާޖުން ހައްޔަރުކުރި މީހުންގެ ތެރޭގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މައުރޫފް ޒާކިރުވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް މައުރޫފް ވަނީ ހޮނިހިރު ދުވަހު ދޫކޮށްލާފައެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުރޫފާއި މަސްވެރިން ހައްޔަރުކުރީ ސުލްހަވެރިކަމާއެކީ އަޑުއުފުލަން ތިއްބައި ކަމަށެވެ. އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި އިހުތިޖާޖުގައި ތިއްބާ ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބި ތިން މަސްވެރިންގެ ނަން ހާމަކުރައްވާ އެ ތިން މަސްވެރިން ދޫކޮށްލުމަށް ނަޝީދުގެ ޕޯސްޓުގައި ސަރުކާރަށް ގޮވާލެއްވިއެވެ.
މީގެއިތުރުން އިހުތިޖާޖުން މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން 8 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.އެމްޑީޕީން އައިއެލްއޯގައި އެދިފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވީހާވެސް އަވަހަށް އަޅައިދިނުމަށެވެ. ހަމައެއާއެކު، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހެޔޮ ނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ އެކު މަޝްވަރާކުރުމަށް ދިވެހި ސަރުކާރަށް އަންގައިދިނުމަށް ވެސް އެދިފައިވާ ކަމަށް، އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ ކުރިޔަށްގެންދިޔައީ ސުލްހަވެރި އިހުތިޖާޖެއްކަމަށާއި ފުލުހުން އައިސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކަމާއެކު އިހުތިޖާޖުގައި ތިއްބާކަމަށެވެ.
އިހުތިޖާޖާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަކުރާރުކޮށް ނަސޭހަތްދިނުމުންވެސް އެކަންކަމަށް މަސްވެރިންގެ ޔޫނިއަނުން އިޖާބަ ދީފައިނުވާކަމަށެވެ. އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި އެސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވުމާއެކު އެކަމުގެ ސަބަބުން އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ އާއި މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މިއެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިކަމަށް ފުލުހުން ބުނެފައިވެއެވެ.