ޔުނެސްކޯގެ އިންޓާ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަން (ޔުނެސްކޯ-އައިއޯސީ) އިން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށްޓަކާ މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު މިއަދު އެކުލަވާލައިފި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނެފިއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ސުނާމީ ބޯޑު އެކުލަވާލީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ދަށުން އުފައްދާފައިވާ ޑިޒާސްޓާ މެނޭޖްމަންޓް ސްޓިއަރިން ކޮމިޓީގެ ސަބް ކޮމިޓީއެއްގެ ގޮތުގައިކަމަށެވެ.

އެގޮތުން މިއަދު އެކުލަވާލި މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގައި ހިމެނެނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިތުރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސްއާއި މިނިސްޓްރީ އޮފް ހެލްތް އާއި މިނިސްޓްރީ އޮފް ފިނޭންސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުންކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެ ކޮމިޓި ޗެއާކުރާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ކަމަށާއި ވައިސް ޗެއާ އަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސްކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން މައުލޫމާތުދީފައިވެއެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ސުނާމީ ރެޑީ ބޯޑު އެކުލަވާލުމުގެ މަޤްސަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރުއާރުޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގާ، އެޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުން ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޔުނެސްކޯއިން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމާއެކު، މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް ކުރުން ހިމެނޭކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނީ ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ދިނުމުގައި ޔުނެސްކޯއިން ބަލާ ބައެއް ކަންތައްތަކުގެ ތެރޭގައި ކާރިސީ ހާލަތުގައި އަމަލުކުރާނެ ޕްލޭނެއް އޮތުމާއި ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމާއި ކާރިސީ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތާއި އެކަމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ފަސޭހަކަމާއެކު އެނގޭގޮތަށް ރަށްރަށުގައި ފެންނަ ގޮތަށް ބެހެއްޓުންފަދަ ކަންކަން ހިމެނޭކަމަށެވެ.

ޔުނެސްކޯއިން މި ޕްރޮގްރާމް އެހެން ގައުމުތަކުގައި ސުނާމީއަށް ހާއްސަކޮށްގެން ހިންގިކަމުގައިވީނަމަވެސް ރާއްޖޭގައި މި ޕްރޮގްރާމް ހިންގަނީ ސުނާމީގެ އިތުރުން ރާއްޖެއަށް ދިމާވާ އެހެނިހެން އަރައްކާތަކަށްވެސް ހޭލުންތެރިކަން އިތުރުކުރެވޭ ގޮތަށްކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސް، ކުޅުދުއްފުއްޓަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 2030 އަންނަންވާއިރަށް ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ހާސިލްކުރުމަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމަށް މަސައްކަތް ކުރުންކަމަށާއި މިއީ ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނޭ މުހިއްމު ބައިނަލްއަޤުވާމީ ރެކޮގްނިޝަންއްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ފާހަގަކޮށްފައިވެއެވެ.