ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ (އެކްސް) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ޞަލާޙުއްދީންސްކޫލްގައި އޮންނާނެކަމަށެވެ.
މި ބައްދަލުވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމެއްކަން ހީނާ ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން ހީނާ ވަނީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދައުވަތު ދެއްވަފައެވެ.
ރައީސް ގެންދަވަނީ މާލޭގެ ހުރިހާ އަވަށްތަކުގައި ވަކިވަކިން ބައްދަލުވުންތައް ބާއްވަވަމުންނެވެ. އެގޮތުން މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވާފައެވެ. ރައީސްގެ ސިޔާސަތަކީ ކަންކަމުގައި އަބަދުވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުންކަމަށް އެމަނިކުފާނު ވަނީ އެކިފަހަރުގެ މަތިން ވިދާޅުވެފައެވެ. ރައީސް ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ބައެއް ރަށްރަށަށް ދެ ފަހަރު ވެސް ވަޑައިގަތެވެ.