ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެންބާޝިޕްގައި ބައިވެރިވުމުގެ ލުއި ފުރުސަތުތަކެއް ފަހިކޮށްދީފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ބުނެފިއެވެ.

ވީއެމްސީ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އެ މީހުންގެ ބައިވެރިވުން އިތުރުކުރުމަށް ވީއެމްސީ އިން ފަހިކޮށްދޭ ފުރުސަތުތަކެއްކަމަށެވެ.

އެގޮތުން 2026 ވަނަ އަހަރު ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ބައިވެރި ވެވޭނެ ފަދަ އަގުހެޔޮ މެންބާޝިޕް ފުރުސަތުތަކެއް ތައާރަފްކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ މާކެޓިން ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާކަމަށް ވީއެމްސީ އިން މައުލޫމާތުދެއެވެ.

މި ފިޔަވަޅުގެ ސަބަބުން ބޮޑެތި އަދި ކުދި ވިޔަފާރިތަކުން ވެސް ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދެވޭކަން ޔަގީންކުރެވޭނެ ކަމަށް ވީއެމްސީ އިން ފާހަގަކޮށްފައިވެއެވެ.

މެންބާޝިޕް ފީގެ އިތުރުން ރޯޑްޝޯތަކާއި ފަތުރުވެރި ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް ވ ވީއެމްސީގެ ބެނާގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމާފައިކަމަށް ވީއެމްސީ އިން މައުލޫމާތުދެއެވެ.

އެގޮތުން ޑިޖިޓަލް ޝޯކޭސް، ރެޕްރެޒެންޓޭޓް ކޮށްދިނުމާއި، ވިޔަފާރިތައް ފުޅާކޮށް މާކެޓުކުރުމަށް އެކި ފުރުސަތުތައް ފަހިކޮށްދީ، ވިޔަފާރިތައް ބައިނަލްއަގުވާމީ މާކެޓުގައި ފުޅާކުރުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށް ވީއެމްސީ އިން ފާހަގަކޮށްފައިވެއެވެ.