އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން 400،000 ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީދާއިރާއަށް ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ފޯރަމުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ހަދިޔާ ކުރެއްވި 400،000 ޑޮލަރަކީ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން ދެއްވާ ހިލޭގެ އެހީ އެކެވެ.

މި ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި، ޞިއްޙީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި، ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ޞިއްޙީ ދައިރާއަށް ކުރިމަތިވާ ގޮތްޖެހުންތަކަށްވެސް މި އެހީގެ ދަށުން ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޞިއްޙީ ދާއިރާ ތަރައްގީކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ހިލޭ އެހީ ދެއްވާފައިވާއިރު، މިމަހުގެ 13 އިން 14 އަށް ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް)ގައި އެކި ގައުމުތަކުން ވަނީ އެކި ގޮތްގޮތުން މި ދާއިރާ ކުރިއެރުވުމަށް އެހީތެރުވެދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މޯލްޑިވްސް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 100 އަށްވުރެ ގިނަ ބައިވެރިން އަމަލީ ގޮތުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޞިއްޙީ ދާއިރާއިން ތަޢުލީމާއި ތަމްރީންދީ ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަށް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އެ ޤައުމުތަކުގެ ތަޖްރިބާ ޙިއްޞާކުރުމަށް އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނީސިއާ އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ޑަބްލިއޫ އެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދި އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކުގެ އިތުރުން، ޞިއްޙީ ކަންކަން ކުރިއަރުވާ ޤައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑެވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުން މި ފޯރަމުގައި ވަނީ ބައިވެރިވެފައެވެ.