ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ ފައިސާ މިއަހަރު ނިމުމުގެ ކުރިން ހަވާލުކުރަމުން އަންނަކަމަށް އެމަސައްކަތް ކުރަމުން އަންނަ މީޑިޔާ ކޮމިޝަނުން ބުނެފިއެވެ.
މީޑިއާތަކަށް ދޫކުރާ މާލީ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް 18 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޫކުރާކަން ހާމަކުރީ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން ފައިސާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، އެ ނިންމުން ބާތިލްކޮށް، އެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ޖެހިގެން އައި އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.
މީޑިއާ ކޮމިޝަންގެ ނައިބު ރައީސް ޒަމްއަތު އަހްމަދު ވަހީދު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސައްކަތްކުރަމުން އަންނަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން މިމަސައްކަތް އަވަހަށް ނިންމުމަށްކަމަށެވެ.
މިނިސްޓްރީން ފައިސާ ދޫކުރާނެ އަދަދުތައް އާންމުކުރުމާއެކު ބައެއް މީޑިއާތަކާއި އަމިއްލަ ބައެއް ފަރާތްތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ޖަވާބު ދެމުން އޭރު ޔޫތު މިނިސްޓްރީން ބުނެފައިވަނީ އެ އުސޫލު އެކުލަވާލެވިފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާތައް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމުކުރުމުގެ މަރުހަލާގައި، ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފަޔާ އެކުގައި ކަމަށެވެ.
ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އުފެދުމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަން ކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެ ކޮމިޝަނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެއް މީޑިއާ އަކަށް އެންމެ ގިނައިން ލިބެނީ ޔޫތު މިނިސްޓަރ އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީ އަދި ސަންގު އޮންލައިން އަށެވެ. ސަންގު ޓީވީ އަށް 3.8 މިލިއަން އަދި ސަންގު އޮންލައިން އަށް 1.3 މިލިއަން ރުފިޔާ ދިނުމަށް އޮތީ ހަމަޖެހިފަ އެވެ.
ސަން އޮންލައިން އަދި އެސްއެސްޓީވީއަށް ޖުމްލަކޮށް 4.2 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ވީނިއުސް އަށާއި ވީޓީވީއަށް ޖުމްލަކޮށް 4.1 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.
ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި، ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދޭން ނިންމީ މީޑިއާތައް ބާރުވެރިކޮށް، މާލީ މިނިވަންކަން ހޯދައިދީ، ނުފޫޒުން އެއްކިބާކޮށް، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގުސަދުގަ އެވެ. މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ޖުމްލަ ބަޖެޓުގެ 0.1 އިންސައްތަ އެވެ.