ދިވެހި ވިޔަފާރިވެރިންނާ ބުދަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއްކަމަށެވެ.

އެހެންކަމުން 17 ޑިސެންބަރު ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި އޮންނަ މި ބައްދަލުކުރެއްވުމުގައި ބައިވެރިވުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު އަރުވާކަމަށް ހީނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސިޔާސަތަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ގާތުން ހޯއްދަވައިގެން ކަންކަން ކުރިޔަށްގެންދެވުންކަމުގައެވެ.

ރައީސް ގެންދަވަނީ މާލޭގެ ހުރިހާ އަވަށްތަކުގައި ވަކިވަކިން ބައްދަލުވުންތައް ބާއްވަވަމުންނެވެ. އެގޮތުން މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވާފައެވެ. ރައީސްގެ ސިޔާސަތަކީ ކަންކަމުގައި އަބަދުވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުންކަމަށް އެމަނިކުފާނު ވަނީ އެކިފަހަރުގެ މަތިން ވިދާޅުވެފައެވެ. ރައީސް ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ބައެއް ރަށްރަށަށް ދެ ފަހަރު ވެސް ވަޑައިގަތެވެ.