ދުވާފަރުގައި 15 މަޝަރޫއު އަކާއި ގުޅޭ މަސައްކަތް ކޮށްފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 15 މަޝްރޫއަކާގުޅިގެން މަސައްކަތް ކޮށްފައިވާ އިރު ބައެއް މަސައްކަތް ތަކަކީ ތަންތަން ނިންމާފައި ތަންތަން ހުޅުވުމާއި، ފެށުމަށް ބިންގާއަޅައި އަމަލީ މަސައްކަތް ފަށުމުގެ އިތުރުން ކުރަންޖެހޭ ސޮއި ކުރުންތަށް ކުރުންކަމަށެވެ.
މިއީ މިހާތަނަށް އެއް ރަށެއްގައި އެއް ދުވަހެއްގައި އެންމެ ގިނަކަންކަން ކުރެވިގެން ދިޔަ ދުވަސްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދުވާފަރުގެ ތަރައްގީ ހާސިލުކުރަމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮށްދޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ދުވާފަރުގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި މަޝްރޫއެއްގައި ބިންގާ އަޅާ، ނިންމާފައިވާ މަސައްކަތެއް ހުޅުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުވާފަރުގެ ބޮޑު އާބާދީއަށް ބޭނުންވާ މިންވަރަށް ސިއްހީ ނިޒާމު މީގެހުރިން ގާއިމުވެފައި ނުވާކަމަށެވެ. އަދި މިހާރު އާ އިމާރާތެއް ހުޅުވާ، ހޮސްޕިޓަލް އިމާރާތެއްގެ ބިންގާ އަޅާފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ދުވާފަރުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ދެން ފެށުނު މަޝްރޫއުތަކުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއު ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ރަށުގެ ފަޅުތެރެއިން ބިން އިތުރަށް ހިއްކެން އޮތް އެންމެ ފުޅާ މިނެއްގައި މި މަޝްރޫއު ނިމޭ އިރުގައި ހިއްކާނެކަމަށެވެ. އަދި 15 ހެކްޓަރުގެ ބިން ހިއްކަން ފެށުނު ކަމުގައި ވީ ނަމަވެސް މަޝްރޫއު ނިމިގެންދާއިރުގަ މި ރަށުގައި 30 ހެކްޓަރުގެ ބިން ހިއްކާނެކަމަށާއި މިހާރު ހިއްކާފައި އޮތް ސަރަހައްދާ ގުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ބިން ހިއްކުން ވެގެންދާނީ އާބާދީ އެއްފަސް ކުރުމަށާއި ބޯހިޔާވަހިކަމުގެ އިތުރުން ސިނާއަތްތަށް ކުރިއެރުވުމަށް ކުރެވިގެންދާނެ މުހިއްމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ބާކީ ހުރި ހުރިހާ މަގެއް މި ފިޔަވަހީގެދަށުން ހަދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އުނގޫފާރާއެކު ދުވާފަރުވެސް ސަރުކާރުގެ ސިޔާސަތުގެ ދަށުން އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ.
އެގޮތުން މި ދެރަށް ދޭތެރޭގައި ދަތުރުކުރުމަށް ހާއްސަކުރެވިފައިވާ އާރުޓީއެލް ފެރީއެއް މި އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ގާއިމު ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.