ތައިލެންްޑުގައި އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސް ކޮށްފި އެވެ.
އެމްއެފްޑީއޭ އިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ މި ބޭސްތަކުގައި ނުރައްކާތެރި ކެމިކަލްއެއް ހުންނަން ޖެހޭ މިންވަރަށް ވުރެ ގިނައިން ހުރިކަމަށް ސައުތު އީސްޓް އޭޝިޔާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އެންގުމުން ކަމަށް ބުނެފައިވެ އެވެ.
ނުރައްކާތެރި ކެމިކަލް ގިނައިން ހުރިކަން ފާހަގަވެގެން ރިޕޯޓުކޮށްފައިވާ ތިން ބޭހަކީ މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މިލިގްރާމް، ރެނިޓިޑައިން 150 މިލިގްރާމް އަދި ވިޓަމިން އޭ – ރެޓިނޯލް 60 މިލިގްރާމްގެ ބޭހެވެ.
މިއިން އެއްވެސް ބޭހަކީ ރާއްޖެއަށް އެތެރެ ކުރާ ބޭހަށް ނުވި ނަމަވެސް ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ގައުމަކަށް ވާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިފައިވެ އެވެ.
މީގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓު ކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައި ފާސް ކުރާނެކަމަށް އެ އޮތޯރިޓީއިން ބުނެފައިވެ އެވެ.