ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ތެރޭ ނިންމައިލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފި އެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ދޮޅު މަސް ތެރޭ ނިންމަނީ
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ދޮޅު މަސް ތެރޭ ނިންމަނީ

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއޭސީއެލްއިން ބުނީ ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. އަދި ބިން ހިއްކުމަށް 22،000 ކިޔުބިކް މީޓަރުގެ ދެ ޑްރެޖަރު ބޭނުންކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ހިއްކަން ހަމަޖެހިފައިވާ 63 ހެކްޓަރު ބިމުން 31 ހެކްޓަރު ބިން މިހާރު ހިއްކައި ނިމިފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ. އެއީ 49.2 އިންސައްތަ މަސައްކަތެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއޭސީއެލްގެ ދަށުން ހަދާފައިވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިންނެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށް / ފޮޓޯ: އެމްއޭސީއެލް

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެކި ސަބަބުތަކާ ހެދި ބިން ހިއްކުން ލަސްވަމުން އައިސް މިފަހުން އަނެއްކާވެސް ފޭސް 3 ހިއްކަން ފަށާފައިވަނީ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ވަނީ ބިން ހިއްކުމުގެ ސްޕީޑް އަވަސްކުރުމަށް އެއްފަހަރާ ދެ ޑްރެޖަރ ބޭނުންކުރަން ފަށާފައެވެ.

މިދިޔަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ބިން ހިއްކުން އަވަސްކުރުމަށް ބޭނުންވާ އިތުރު ޑްރެޖަރ ރާއްޖެ އައިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޑިސެމްބަރ މަހުގެ ފަހުކޮޅު ނިމޭނެކަމަށް އުންމީދުކުރައްވާކަމުގައެވެ.