ބޮޑުކަންނެލީގެ މަސްވެރިކަމާ ގުޅޭ ވައުދުތައް ވަރަށް އަވަހަށް ފުއްދަވައި، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުން އެއްކޮށް ނެތިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަމަކީ، މަސްވެރިކަމުގެ ސިނާއަތް ކުރިއަށްގެންދިއުމުގައި މުހިންމު ކަމެއް ދޭ ދާއިރާއެއް ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އެ މަސްވެރިންނަށް އެނގޭނެ ކަމަށެވެ.

މިފްކޯއިން ބޮޑުކަންނެލި ގަތުމަށްޓަކައި މަޝްވަރާ ބާއްވައި ތައްޔާރުތައްވުމުން ދާކަމަށާއި ވަރަށް އަވަހަށް މަސްވެރިންގެ ވައުދުތަށް ފުދިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭގެ އިތުރަށްވެސް ވަރަށް ފުޅާކޮށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށާއި ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަމަލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރުން ބޮޑުކަންނެލި ގަންނަން ފެށުމުން، ޕްރައިވެޓް ސެކްޓާއިން މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ، ފަރުވާތެރިކަމާއެކު ދުރުރާސްތާއަށް ވިސްނަވާވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނޭ ގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ޤާއިމުކުރާ ފެސިލިޓީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، ދާދި އަވަހަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށޭނޭކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.

އެމަނިކުފާނު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ވާނޭ ދުވަސްކަމަށް ވިދާޅުވެ، ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ..

މަސްވެރިކަމުގެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް ވޭތުވެ ދިޔަ ދެ އަހަރު ކުރެވިފައިވާ މަސައްކަތްތަކަކީ މިއަދު ތަފާސްހިސާބުތަކުން ފެންނާންހުރި ޙަޤީޤަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސިނާޢަތް ކުރިއެރުވުމަކީ ފަރުދީ އަދި ޖަމަޢީ ތަރައްޤީއަށް ކުރެވޭ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި، ޤައުމީ ވިސްނުމާ ދެކޮޅު ސިޔާސީ އޮއިވަރުގައި ނުޖެހި، އެންމެން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ