ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން 4.5 ބިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމަވާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 45ވަނަ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތައަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ ބޮޑެތި ބައެއް މައްސަލަތަކަށް މިހާރުވެސް ހައްލު ހޯއްދަވާދެއްވާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދުކަމުގައިވާ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން. އެގޮތުން އެދުވަހުން ފެށިގެން މިއަދާ ހަމައަށް މަސްވެރިންނަށް މިވަނީ މުޅި ޖުމްލަ 900 މިލިޔަން ރުފިޔާ ދޫކޮށްފަ. އަދި މުޅި މި 2 އަހަރުގެ ތެރޭގައި މަސްވެރިންނަށް މިވަނީ މުޅި ޖުމްލަ 1.7 ބިލިޔަން ރުފިޔާ ދޫކޮށްފަ. މިއާއެކު މަސްވެރިކަމަށް އާރޯކަމެއް މިވަނީ ލިބިގެންގޮސްފަ،."

އަޙުމަދު ޝިޔާމް/ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު

ބޮޑު ކަންނެލި މަސްވެރިން އެދިފައިވާ ކަންކަމުގެ ތެރެއިން އެއްކަމަކީ ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެދުން ކަމަށާއި، މި ވަޢުދު މިހާރު ފުއްދަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޮޑު ކަންނެލި މަސްވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރާ ފެސިލިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަނީ ރާއްޖޭގައި ކަމަށާއި، ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގައި ރާއްޖެއިން 50 އިންސައްތަ ހިއްސާކުރާ ކަން ފާހަގަކުރައްވާ ވަޒީރުވިދާޅުވީ މަސް ރައްކާކުރެވޭ ކެޕޭސިޓި ބޮޑުކޮށްފިނަމަ ދުނިޔޭގެ ބާޒާރުގައި މަހަށް އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެގޮތުން މިހާރު 9،500 ޓަނުގައި ހުރި ނަމަވެސް، މި ސަރުކާރުން މި އަދަދު 25،000 ޓަނަށް އިތުރުކުރުމަށް މަސައްކަތްކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސް ބަންދުކުރުމުގެ ކެޕޭސިޓީ ތިން ގުނަ އިތުރުކުރުމަށްކަމަށާއި އެކަމުގެ ސަބަބުން އެކްސްޕޯޓު އާމްދަނީ 190 މިލިޔަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސިނާއަތް ސިންދަފާތުކުރުމަށް މަސައްކަތްކުރަމުންދާ ކަމަަށާއި އެގޮތުން އައު އުފެއްދުންތައް ނެރުމަށް 128 މިލިޔަން ރުފިޔާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރެއިން 40 އިންސައްތައި އެހީ ހިލޭ ލިބޭނެކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 27.7 މިލިޔަން ރުފިޔާގެ ލޯނުވެސް ދޫކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.