ގިނައިރު ކިޔުގައި ނުޖެހި މަސްކިރުވުމަށް "މަސްކިރާ" އެޕްލިކޭޝަންގެ އިތުރުން އައިސް ޕްލާންޓުތަކުގައި އައިސް ލިބެންހުރި މިންވަރު ބެލޭނެ ގޮތަށް "ކެޔޮޅު" އެޕްލިކޭޝަން ތައާރަފްކޮށްފިއެވެ.
އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު ބެލޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ. ރ.ދުވާފަރުގައި ކުރިއަށްދާ މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާންއެވެ.
ކެޔޮޅު އެޕްލިކޭޝަންގައި ހިމަނާފައިވާ މި ފީޗަރ މެދުވެރިކޮށް، ރާއްޖޭގައި އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަޙައްދުތަކާއި ރަށްތަކުގެ މަޢުލޫމާތު ލިބޭނެއެވެ. އަދި އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި، އަދި ދޯނިތަކަށް ލިބޭނެ މިންވަރު އެނގޭނެއެވެ. މި ޚިދުމަތާއެކު، މަސްވެރި އޮޑިދޯނިފަހަރަށް، ބޮޑު ލުއިފަސޭހަތަކެއް ލިބުމުގެ އިތުރުން، ވަގުތާއި ޚަރަދުވެސް ވަރަށް ބޮޑަށް ސަލާމަތްކުރެއެވޭނެއެވެ.
މަސްކިރާ އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ޞިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާޙީމްއެވެ.
މިފްކޯއިން ބުނީ، މި އެޕްލިކޭޝަންގެ ސަބަބުން މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، މަސްވެރިންނަށް އެމީހުންގެ ދޯނި ރަޖިސްޓްރީކުރުމުގެ ފުރުސަތު މި އެޕްލިކޭޝަންގެ ތެރެއިން ލިބިގެންދެއެވެ.