ރ.ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރުމަށް ހާއްސަ ފެސިލިޓީއަކާއެކު މަސްކިރުވާ ބަނދަރެއް ތަރައްޤީކުރުމަށް ހަވާލުކޮށްފިއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމްއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙަސަން އިބްރާޙިމްއެވެ.

ރ.ކަނދޮޅުދޫއަކީ ސުނާމީގެ ކުރިން، ދުވާފަރުގެ ރައްޔިތުން ދިރިއުޅެމުންދިޔަ، އަދި މަސްވެރި ރަށެކެވެ. ނަމަވެސް ސުނާމީއަށްފަހު އެރަށުގައި މީހުން އާބާދުވެފައެއް ނުވެއެވެ.

މި މަޝްރޫޢުގެ ދަށުން ކޯލްޑް ސްޓޯރޭޖަކާއި ފާނަ މަސް ޕްރޮސެސްކުރާ ފެސިލިޓީއެއްގެ އިތުރުން، މަސްދޯނިތަކާއި އުޅަނދުތައް ކައިރިކުރުމަށް އެކަށިގެންވާ ޒަމާނީ ބަނދަރެއްވެސް ތަރައްޤީކުރާނެއެއެވެ. މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މަސްވެރިންގެ ހުރި ކަންބޮޑުވުންތަށް އަޑު އައްސަވައިގެން އެކަންކަމަށް ހައްލު ގެނެއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.