ކަރަންޓު ހަރަދު ކުޑަކުރަން އިންސްޓޯލްމެންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭ "އިރުން ހަކަތަ: ދުވާފަރު ހޯމް ސޮލާ" ޕްރޮގުރާމް، ރ. ދުވާފަރުގައި އެމް.ޑަބްލިއު.އެސް.ސީ އިން އިފްތިތާހުކޮށްފިއެވެ.
އެމް.ޑަބްލިއު.އެސް.ސީ އިން ބުނީ އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އިރުން ހަކަތަ: ދުވާފަރު ހޯމް ސޮލާ" ގެ ނަމުގައި ޕްރޮގުރާމެއް އެރަށުގައި އިފްތިތާހުކޮށްފައިވާކަމަށެވެ. ރ.ދުވާފަރުގައި މިކަމަށް ބާއްވާފައިވާ ހަފްލާއެއްގައި މި ޕްރޮގުރާމު އިފްތިތާހުކޮށްދެއްވާފައިވަނީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރުއެވެ.
މީގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީ އިން ބުނީ މި ޕްރޮގުރާމުގެ އަމާޒަކީ، ދުވާފަރުގެ ގޭބީސީތަކަށް އިއާދަކުރަނިވި މަންފާ ލިއްބައިދީ ކަރަންޓުބިލު ކުޑަކުރުމަށް މަގުފަހިކުރުވުމާއި ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އަކީ އިއާދަކުރެނިވި ހަކަތައަށް 2026ގެ ނިޔަލަށް ހަދައި އަދި ޑީސަލް އަންދާ މިންވަރު ދަށްކޮށް ޖައްވަށް ބޭރުކުރާ ދުމުން ދުވާފަރުގެ ތިމާވެށި ރައްކާތެރިކުރުން ކަމަށެވެ.
އެގޮތުން ހޮނިހިރު ދުވަހު އިފްތިތާހުކޮށްފައިވަނީ މިޕްރޮގުރާމުގެ ފުރަތަމަ ފިޔަވެހިކަމަށް ފާހަގަކޮށް އެމް.ޑަބްލިއު.އެސް.ސީ އިން ބުނީ މި ޕްރޮގުރާމް ފަރުމާކޮށްފައި ވަނީ ދުވާފަރު ގޭބީސިތަކުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތަކަށް އިންސްޓޮލްމެންޓަށް ގޭބީސީ އިން ފައިސާ ދައްކާގޮތަށްކަމަށެވެ.
މި ޕްރޮގުރާމުގެ ދަށުން އަވިން ހަކަތަ އުފައްދާ ނިޒާމުތަށް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުގެ ދަށުންކަމަށް އެމް.ޑަބްލިއު.އެސް.ސީ އިން މައުލޫމާތުދެއެވެ. އަދި އެ އުސޫލުގެ ދަށުން ބިލު ކުރާނީ ގޭބީސީއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދުން ސޯލާ ޕީވީ ނިޒާމުން އުފެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށްކަމަށް އެމް.ޑަބްލިއު.އެސް.ސީ އިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީ އިން ބުނީ ކަރަންޓު ބިލުން އުނިވާ އަދަދު، އިންސްޓޯލްމެންޓް އުސޫލުން ގަނެފައިވާ ފީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި ހިމެނޭނެ ކަމަށެވެ. މިއީ ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށް އެމް.ޑަބްލިއު.އެސް.ސީ އިން ބުނެއެވެ.