ރ. ދުވާފަރުގެ ހިއްކި ސަރަހައްދުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ ) އާއި ހަވާލިކޮށްފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑިޒައިން ބިލްޑް އުސޫލުން، ރ. ދުވާފަރުގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އާއި އެމް.ޑަބްލިޔު.އެސް.ސީ އިން ސޮއިކޮށްފައިވާކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަބްދުލް މަތީން މުހައްމަދުކަމަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑޮކްޓާ އަބްދުﷲ މުއްތަލިބް ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެފައިވެއެވެ.

އެގޮތުން މިމަޝްރޫޢުގެ ދަށުން ރ. ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމު ކުރެވިފައިނުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި، ގޭގޭ ގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ގޭގެއަށް ފެނާއި ނަރުދަމާ ގެ ކަނެކްޝަން ގުޅައިދޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ސީއައުޓްފޯލް އެއް އެޅުމާއި އަދި މިހާރު ރ. ދުވާފަރުގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރާ 02 ތަންގީ ބެހެއްޓިގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ފާހަގަކޮށްފައިވެއެވެ.

ރ. ދުވާފަރުގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއްކަން ފާހަގަކޮށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ މިމަޝްރޫއުގެ ޖުމްލަ އަގަކީ 70.8 މިލިއަން ދިވެހި ރުފިޔާކަމަށެވެ.