ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން 8 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

އެމްޑީޕީން އައިއެލްއޯގައި އެދިފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވީހާވެސް އަވަހަށް އަޅައިދިނުމަށެވެ. ހަމައެއާއެކު، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހެޔޮ ނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ އެކު މަޝްވަރާކުރުމަށް ދިވެހި ސަރުކާރަށް އަންގައިދިނުމަށް ވެސް އެދިފައިވާ ކަމަށް، އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މެންބަރު މައުރޫފު އަދި ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށާއި އަސާސީ ހައްގުތަކާއި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ވެސް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވެ އެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު ކަންނެލި މަސްވެރިންގެ ފަރާތުން އަންނަނީ ސަރުކާރަށް ތިންކަމަކަށް ޑިމާންޑުކޮށް އިހުތިޖާޖުކުރަމުންނެވެ. ބުދަ ދުވަހު ހުޅުމާލެ ޖެޓީ ސަރަހައްދުގައި 49 ދޯންޏަކުން ގުޅިގެން ފެށި މި އިހުތިޖާޖުގައި މާލޭގެ ރަސްމީ ފާލަމާ ހަމައަށް އައުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް އުނދަގޫވާތީ އިހުތިޖާޖު ނިމުމަކަށް އެދިފައެވެ. ފުލުހުންގެ ބަހަށް ނުކިޔަމަންތެރިވުމުން ވަނީ މަސްވެރިންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައެވެ.

އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފްޒާކިރު ވެސް ހިމެނެއެވެ. ހުކުރު ދުވަހު އެމީހުން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ ނިންމާފައެވެ. މަސްވެރިން ބުނީ އެމީހުންނާ ވަޒީރު ބައްދަލު ނުކުރައްވާ ހިނދަކު އިހުތިޖާޖު ނުހުއްޓާނެކަމަށެވެ.