ރ. ދުވާފަރުގައި ހަ މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުން ފާހަގަކޮށްފިއެވެ.

އެގޮތުން ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫޢުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތާއި ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި ވޭސް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމާއި ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފެށުމެވެ. މި މަޝްރޫޢުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޑ ޑރ މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މިމަޝްރޫޢުގެ ދަށުން 15.80 ހެކްޓަރުގެ ސަރަހައްދެއްފައި ބިން ހިއްކުމާއި، 812 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 450 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރާނެއެވެ. މިއީ 172.93 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ދުވާފަރު ބަނދަރު ހެދުމުގެ މަޝްރޫޢުވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫޢުގެ ދަށުން 62،264 ކިއުބިކް މީޓަރުގެ ސަރަހައްދެއްފެ ފަޅު އަދި ނެރު ފުންކުރާނެއެވެ. މީގެއިތުރުން 343 މީޓަރުގެ ތޮއްޓެއް ބޭރުތެރެއަށް ޖެހުމާއި، 285 މީޓަރުގެ ތޮއްޓެއް އެތެރެވަރިއަށް ޖެހުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބުރިޖެއް ހެދުމާއި 154 މީޓަރުގެ ދިގު 1.5 މީޓަރު ފުޅާ ޖެހީ އެއް ހަދާނެއެވެ. މިއީ 142.11 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހިވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫޢުގެ ދަށުން 16.64 ކިލޯމީޓަރު އެކުލެވޭ 75 މަގު ހެދުން ހިމެނެއެވެ. މީގެއިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި ގުދުރަތީ ގޮތުން ގެން ހިނދޭ ނިޒާމެއް ހަރުކުރުމާއި، ޕޭވްމަންޓް ހެދުމާއި ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްކުރާނެއެވެ. މިއީ 312.66 މިލިއަން ރުފިޔާއަށް 810 ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ދުވާފަރުގައި ވޭސް މެނޭޖްމަންޓް ސެންޓަރެއް އެޅުމަށްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫޢުގެ ދަށުން މިހާރު ހުރި އޮފީސް އިމާރާތް ރެނޮވޭޓްކުރުމާއި 215 އަކަފޫޓްގެ ސަރަހައްދެއްގައި ނުރައްކާތެރި ކުނި ރައްކާކުރާނެ ތެނެއް ހެދުމާއި 2700 އަކަފޫޓްގެ ސަރަހައްދެއްގައި ވެއާހައުސް އެއް އެޅުމާއި ލޭންޑްސްކޭޕިންގ މަސައްކަތްތަކާއި ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތްކުރާނއެވެ. މިއީ 1.76 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ދުވާފަރު ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫޢުގެ ދަށުން ވަށާފާރު ރޭނުމާއި އޮފީސް އިމާރާތެއް ހެދުމާއި ގައިދީން ބައިތިއްބާނެ ތަނެއް ހެދުމާއި ގަރާޖެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 36.03 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.