ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ މަސްވެރިންނާ ގާތުންކަމަށް މަސްވެރިކަމާއި ކަނޑުތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ.ދުވާފަރުގައި ފަށާފައިވާ ހަރަކާތްތައް ބައްލަވާލެެއްވުމަށް ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގެން މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވީ މަސްވެރިންނަށް ބާނާ މަހަށް ފައިސާދިނުން އަވަސްކޮށް މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލުގެނެއުމަށް ރައީސް މުއިއްޒު މަސައްކަތްކުރައްވާކަމަށެވެ. މަސްވެރިކަމުގެ ސިނާއަތުގައިހުރި ކަންބޮޑުވުންތަށް ހައްލުވެގެންދާނީ މި ސަރުކާރުގައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު ކަންނެލި މަސްވެރިންގެ ފަރާތުން އަންނަނީ ސަރުކާރަށް ތިންކަމަކަށް ޑިމާންޑުކޮށް އިހުތިޖާޖުކުރަމުންނެވެ. ބުދަ ދުވަހު ހުޅުމާލެ ޖެޓީ ސަރަހައްދުގައި 49 ދޯންޏަކުން ގުޅިގެން ފެށި މި އިހުތިޖާޖުގައި މާލޭގެ ރަސްމީ ފާލަމާ ހަމައަށް އައުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް އުނދަގޫވާތީ އިހުތިޖާޖު ނިމުމަކަށް އެދިފައެވެ. ފުލުހުންގެ ބަހަށް ނުކިޔަމަންތެރިވުމުން ވަނީ މަސްވެރިންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައެވެ.
އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފްޒާކިރު ވެސް ހިމެނެއެވެ. ހުކުރު ދުވަހު އެމީހުން ކޯޓަށް ހަާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ ނިންމާފައެވެ. މަސްވެރިން ބުނީ އެމީހުންނާ ވަޒީރު ބައްދަލު ނުކުރައްވާ ހިނދަކު އިހުތިޖާޖު ނުހުއްޓާނެކަމަށެވެ.