ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި އިހުތިޖާޖުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަސްވެރިންގެ އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ޖުމްލަ އަށް މީހަކު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެމްޑީޕީން ވަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމުގައި ފާހަގަކޮށްފަ އެވެ. ނަމަވެސް، މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި އިރު، އަނެއް ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަކާނުލައި، ގާނޫނުއަސާސީއާ ހިލާފަށް ބަންދުގައި ބައިތިއްބާފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނި ގޮތުގައި، ހަތަރު މީހަކު އިތުރު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި ނަމަވެސް، އެ މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަމަށް ފުލުހުންނަށް ބަންދުގެ އަޑުއެހުމުގައި ސާފުކޮށް ބުނެދެވިފައެއް ނުވެ އެވެ. އަދި އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ގާނޫނީ ސަބަބެއް ވެސް ބަޔާންކޮށްދެވިފައި ނުވާކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އަދި އާންމުކޮށް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލާވެސް ހިލާފަށް އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން ނިންމި ނިންމުމަކީ، ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން ނިންމި ނިންމުމެއް ކަމުގައި ތުހުމަތުކޮށް، އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެ އެންމެން ވަގުތުން މިނިވަންކުރުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.