ރ. ދުވާފަރުގައި ސަރުކާރުން ގާއިމްކުރި ފިއުލް ޝެޑް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.
މި ފިއުލް ޝެޑް ހުޅުއްވައިދެއްވީ ރައީސް ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، މި ފިއުލް ޝެޑަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ސަރަހައްދެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްރޫއުގެ ތެރެއިން ހުޅުވި ޝެޑެއް ކަމަށެވެ.
ދުވާފަރުގައި ހުޅުވި ފިއުލް ޝެޑުން މަސްވެރިންގެ އިތުރުން ރަށުގެ ރައްޔިތުންނަށް ތެލުގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމުގައު އެފްއެސްއެމްއިން ފާހަގަކުރެ އެވެ. އަދި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި އަތޮޅުތަކުގައި މި ހިދުމަތް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ކަމަށްޓަކައި ރާއްޖޭގެ 18 ރަށެއްގައި ފިއުލް ޝެޑް ގާއިމްކުރުމަށް އެސްޓިއޯއިން ވަނީ ނިންމާފަ އެވެ.