ފަސްވަނަ ދިވެހި ސިވިލް ސާވިސް ކޮންފަރެންސް 2026 ވަނަ އަހަރުގެ ޖޫން 07 އިން 09 ބޭއްވުމަށް ނިންމައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އަންނަ އަހަރު މި ކޮންފަރެންސްގެ ޝިޢާރަކީ، "ފިއުޗާ ރެޑީ ރެސްޕޮންސިވް ގަވަރނަންސް: އެމްޕަވަރ ޕީޕަލް، އެމްބްރޭސް އެޖިލިޓީ، އެންހޭންސް ސަރވިސަސް" ކަމަށެވެ.

މިއީ، ދިވެހި ސިވިލް ސަރވިސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، ސިވިލް ސާވިސްގެ ހިންގުން އިތުރަށް ހަރުދަނާކޮށް ތަރައްގީކުރާނެ ގޮތްތަކެއް ތަދުބީރުކުރުމުގެ މަގުސަދުގައި ސިވިލް ސާވިސްގެ އިސްވެރިންނާއި ސިޔާސީ އިސްފަރާތްތައް ހިމެނޭގޮތަށް ކޮންމެ 2 އަހަރުން 1 އަހަރު ކުރިއަށް ގެންދާ ކޮންފަރެންސް އެކެވެ. މި ކޮންފަރެންސްގައި، 200 އަށް ވުރެ ގިނަ ބައިވެރިން، ސިވިލް ސާވިސްގެ އެކި އިދާރާތަކުން ބައިވެރިވާނެ އެވެ.

"ފިއުޗާ ރެޑީ ރެސްޕޮންސިވް ގަވަރނަންސް: އެމްޕަވަރ ޕީޕަލް، އެމްބްރޭސް އެޖިލިޓީ، އެންހާންސް ސާވިސަސް" މި ޝިއާރުގެ މައްޗަށް ބިނާކޮށް ބާއްވާ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026 އަކީ ސިވިލް ސަރވިސްގެ ދައުރު އަލުން ބައްޓަންކުރުމަށް އަޅާނެ އިސްތިރާޖީ ފިޔަވަޅެއް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.

މި ކޮންފަރެންސް ބިނާވެފައިވަނީ ކުރީގެ ކޮންފަރެންސްތަކުން ލިބުނު ތަޖުރިބާއާއި ފިލާވަޅުތަކުގެ މައްޗަށާއި، އަދި ގަވަނަންސްގެ ދާއިރާއިން ކުރިމަތިވާ އައު ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އައު ފުރުސަތުތައް ހޯދުމަށް ބޭނުންވާ ހުނަރުތަކާއި، އޮނިގަނޑުތަކާއި، ވިސްނުންތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ ޚިދުމަތްތައް އެލައިންކުރުމުގެ މައްޗަށް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި ކޮންފަރެންސްއަށް ދިރާސާ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ދިރާސާ ކަރުދާހުގެ "އެބްސްޓްރެކްޓް ސަބްމިޝަން"ގެ ފުރުސަތު 30 ޑިސެންބަރު 2025 ވަނަ ދުވަހުގެ ނިޔަލަށް އޮތީ ހުޅުވާލާފަ އެވެ. ދިރާސާ ކަރުދާސް ހުށަހެޅުމުގެ ގައިޑްލައިން ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.