ކުރިޔަށް އޮތް ހަފްތާތެރޭގައިވެސް ދުންފުހުގެ އަސަރު އުތުރާއި މެދުރާއްޖެތެރެއަށް ކުރާނެކަމަށް ބެލެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ވައި ނުސާފު ކަމަށް، އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ވަނީ ދައްކާފައެވެ. "އައިކިއު އެއާ" ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގަ އެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 8.3 ގުނަ މަތީ މިންވަރެކެވެ. މިއީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ލޭގެ ތެރެއަށް އެތެރެވާހާ ހިމުން ކުނޑިކަން ވެސް ފާހަގަަކޮށްލެވެއެވެ.
މެޓް އޮފީހުން ބުނީ މިދުވަސްވަރު ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ވަނީ ދަށްވެފައިކަމަށެވެ.
މެޓް އޮފީހުން މިކަން ހާމަކުރުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި "އައިކިއު އެއާ" އެޕް ބޭނުންކޮށްގެން ވައި ނުސާފު މިންވަރު ބަލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވައިސާފުކަމުގެ މިންވަރު ލަފާކުރެވޭ ވަރު އެންމެ ގޯސްކޮށް ހުރީ ކ. ވިލިގިނލީގައެވެ. އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ބުނެއެވެ. އެސަރަހައްދަށް ވަނީ އޮރެންޖު ސަަމާލު ނެރެފައެވެ.
ނާޒުކު ހާލަތުގައިވާ ފަރާތްތައްކަމުގައި އެޗްޕީއޭއިން ބުނެފައިވަނީ ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާކުރާ މީހުން އަދި އެލާރޖީ މައްސަލަ ހުންނަ މީހުންނެވެ.
އެހެންކަމުން މި ފަރާތްތައް ބޭރަށް ނިކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމަށާއި ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލެއްޕުމަށާއި އެއަރ ޕިއުރިފައިއަރ ބޭނުންކުރުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރުކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ރީނދޫ ސަމާލުނެރެފައިވާ ހިސާބުތަކަކީ ށ. ފުނަދޫ، ދ.ކުޑަހުވަދޫ. ލ.ގަން ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއެވެ.
މިސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ނޭވާލ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމަށް ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަރާތްތަކުންވެސް ބޭރަށް ނިކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމަށާއި ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލެއްޕުމަށާއި އެއަރ ޕިއުރިފައިއަރ ބޭނުންކުރުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރުކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރެއްގެ ހުޅަނގުމޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ނުވަތަ ދިވެހިން އާއްމުކޮށް ކިޔައި އުޅޭ ގޮތުން ނަމަ ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެ އެވެ. އަދި ބައެއް ފަހަރު މި މައްސަލަ ވަރަށް ބޮޑުވެ އެވެ.