ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ސަރުކާރުގެ ތިން މިނިސްޓްރީއެއްގެ މަސައްކަތަށް ބުރޫއެރުމާ ގުޅިގެން ޗައިނާގެ ފަރާތުން ދެއްވި ކުއްލި އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ނަމުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު، އޭރު ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ. އެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޗައިނާ ސަރުކާރުން ވަނީ 2.8 މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ.

އެހީގެ ތަކެތި ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވަނީ ޗައިނާ ސަރުކާރުން ދެއްވި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ، ޗައިނާއިން ފޯރުކޮށްދިން މި އެހީތެރިކަމަކީ ހަމައެކަނި އަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި، އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އުމްރާނީ ތަރައްގީ އާއި، ތަރައްގީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެކު ހެންޑޯވަރ ސެޓްފިކެޓްގައި ސޮއިކުރައްވައި، ރަސްމީކޮށް ދިވެހި ސަރުކާރަށް އެހީގެ ތަކެތި ބަދަލުކުރުން ފާހަގަކުރައްވާފަ އެވެ. އަދި ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަކަށް ޗައިނާއާ އެކު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ދިވެހިރާއްޖެއިން އަޒުމު ކަނޑައަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.