ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރަމުން އަންނަ އިހުތިޖާޖުގައި އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭކަމަށް ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މުޒާހަރާކުރަން ފެށީ އިއްޔެ ހެނދުނު އެވެ. ފުރަތަމަ މުޒާހަރާކުރީ ހުޅުމާލެ އިންނެވެ. އޭގެފަހުން މުޒާހަރާގެ ބައިވެރިން މުޒާހަރާކުރަމުން އަންނަނީ މާލެ މާލޭގެ ބޭރުމަތީގައެވެ. މަސްވެރިން މުޒާހަރާކުރަނީ ސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރަން ދައްކާ ވާހަކައާ އަމަލާ ދިމާނުވާކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ނާންނަކަމަށްބުނެ އިހުތިޖާޖު ނުހުއްޓާނެކަމަށް މަސްވެރިންގެ ބުނަމުންދާއިރު ފުލުހުން މިހާރު އަންނަނީ ދޯނިތަކަށް އަރާ މުޒާހަރާ ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ދޯނިތަކުގައި ތިބި ބިދޭސީން ހައްޔަރުކޮށްފައިވާއިރު ދޯންޏެއްގެ ކައްޕިވެސް ވަނީ ހައްޔަރުކޮށްފައެވެ.

ދޯނިތަކަށް އެންމެ ފުރަތަމަ ފުލުހުން އަރާ މުޒާހަރާ ހުއްޓުވަން މަސައްކަތްކުރިއިރު މީޑިޔާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނެފައިވަނީ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުންކަމުގައެވެ.

މަސްވެރިންގެ ޔޫނިއަނުން ބުނީ މުޒާހަރާކުރަމުން ދަނީ ދިވެހިންކަމަށެވެ. ދޯނިތަކުގައި ތިބި ބިދޭސީންނަކީ އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންކަމުގައެވެ. އެމީހުންނަކީ އެދޯނިތަކުގައި ދިރިއުޅޭ ބައެއްކަމަށްވެސް ޔޫނިއަނުން ބުނެއެވެ. އަދި މިމުޒާހަރާއަކީ ސަރުކާރާ ދެކޮޅު މުޒާހަރާއެއް ނޫންކަމަށްވެސް އެމީހުން ބުނެއެވެ.

މުޒާހަރާއަށް ނިކުންނަކަން ހާމަކޮށް އެޔޫނިއަނުން ނެރުނު ނޫސްބަޔާނުގައި ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ :

- ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން

- ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން

- މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން

މަސްވެރިން އެދެމުންދަނީ އެމީހުންގެ ޑިމާންޑުތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޑުއެހުމަށެވެ. މަސްވެރިންގެ އިހުތިޖާޖާ ގުޅުވައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު، ބޮޑުކަންނެލީގެ އަގުދަށްވުން ކަމަށެވެ.

އެކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމަށާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަމަށެވެ.

ވައުދު ފުއްދުމުގެ ދަށުން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން ތަރައްގީކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.