ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފެއް ކަމުގައިވާ އަހްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑީއާގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފު އަހްމަދު އަޒްމީލް ނިޔާވި ޚަބަރު އަޑުއެއްސެވީ ނުހަނު އަސަރާއި ހިތާމައާ އެކުގައި ކަމަށެވެ.

ރައީސް ވަނީ އަޒްމީލްގެ އާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވައި، މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާފަ އެވެ.

ސްޓެލްކޯގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަޒްމީލަށް އަނިޔާވީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގަ އެވެ. އެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވެ އެވެ.

އަޒްމީލަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އަދި އޭނާ ތައިލޭންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.