ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 30 ވަނަ އެއާލައިނަކަށް ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން، ޗައިނާ އީސްޓަން އެއާލައިންސް ވެއްޖެ އެވެ.

އާ ޓާމިނަލުން ޗައިނާ އީސްޓަން އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އީސްޓަން އެއާލައިން އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވެލްސްގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ފަޔާޒް އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
އާ ޓާމިނަލުން ޗައިނާ އީސްޓަންއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އިއްޔެ ވަނީ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 241 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި އާ ޓާމިނަލާ ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް MU235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޗައިނާ ސަރުކާރުން ހިންގާ މި އެއާލައިނަކީ ޗައިނާގެ އެންމެ ބޮޑު ތިން އެއާލައިންގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރު ފެށީ 2007 ވަނަ އަހަރުގެ އޭޕްރިލް 28 ވަނަ ދުވަހު އެވެ.
މިއީ ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޗައިނާގެ ހަތަރު ވަނަ އެއާލައިނެވެ.
