އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން 172 ވަޒީފާއަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

ކޮންމެ އާންމު އިންތިހާބަކާ ދިމާކޮށް އީސީން ވަގުތީ މުވައްޒަފުން ނަގަ އެވެ.

މިފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް އެކި ދާއިރާތަކުން ބޭނުންވާ މުވައްޒަފުން ނެގުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން 104 އޮފިސަރުންނާއި، އިތުރު 12 ވަޒީފާއަކަށް މީހުން ހޯދުމަށް އީސީން ވަނީ އިއުލާނުކޮށްފަ އެވެ.

އީސީން ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް:

  • އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ- 1

  • ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރ- 9
  • ކޮމްޕްލެއިންޓްސް ބިއުރޯ މެނޭޖަރ- 1
  • ސީނިއަރ އޮފިސަރ- 33
  • ގްރެފިކްސް ޑިޒައިނަރ- 1
  • ފޮޓޯގްރަފަރ- 1
  • އޮފިސަރ- 104
  • މެއިންޓަނަންސް އޮފިސަރ- 2
  • ޓެކް އޮފިސަރ- 6
  • އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ- 2
  • އޮފީސް އެސިސްޓެންޓް- 2
  • ޑްރައިވަރ- 4
  • ސެކިއުރިޓީ އޮފިސަރ- 6

ކޮންޓްރެކްޓް އުސޫލުން ނަގާ މި މުވައްޒަފުން މަސައްކަތް ކުރާނީ ކައުންސިލް އިންތިހާބުގެ މަސައްކަތްތައް ނިމުމާ ހަމައަށެވެ. އަދި މި މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން އިތުރު ގަޑީގެ ފައިސާވެސް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

މި މަގާމުތަކުގެ ތެރެއިން ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރުންނާއި ކޮމްޕްލެއިންޓްސް ބިއުރޯ މެނޭޖަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 15:00 ގެ ކުރިންނެވެ. އެހެނިހެން މަގާމުތަކަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އީސީން ވަނީ ނިންމާފަ އެވެ.