މަސްގަތުމުގެ ލައިސަންސް ބޭރު ފަރާތްތައް ހިމެނޭހެން، ހުޅުވާލާ މި ވިޔަފާރިން ސަރުކާރު އެއް ފަރާތްވާންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދަން އެދޭނަމަ، ރޯ މަސް، ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުން މަދުކުރަން ޖެހޭ ކަމަށެވެ.
ހަމައެހެންމެ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދަން އެދޭނަމަ، މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުގެ ކޯލްޑް ސްޓޯރޭޖު ބޮޑުކޮށް، އޮޑިދޯނި ފަހަރު ހިންގަން ދާ ޚަރަދު ކުޑަކުރަން ޖެހޭކަމަށް ނަޝީދުގެ ޕޯސްޓުގައިވެއެވެ. އަދި ގޭދޮށު މަސް ޕްލާންޓް އާއި ކަންނެލި ޖަގަހަ ތައާރަފްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަކަމަށް ބުނެ، ބޮޑުކަންނެލި މަސްވެރިން މާލޭގެ ބޭރުމަތީގައި ވަނީ އިހުތިޖާޖުކުރަން ފަށައިފައެވެ. ނަޝީދުގެ ޕޯސްޓުގައި ވަނީ މަސްވެރިންގެ އިހުތިޖާޖަށް މަރުހަބާ ވިދާޅުވެފައެވެ.