އިންޑޮނެޝިއާގެ ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުއިއްޒު، އިންޑޮނޭޝީއާގެ ރައީސް، ޕްރަބޯވޯ ސުބިއަންތޯއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި ރައީސް ވަނީ ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑޮނެޝިޔާގެ ރައީސް ސުބިއަންތޯއަށާއި، މި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށާއި، އެގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.
މީގެއިތުރުން އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހާދިސާގެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައިކަން، ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ހާދިސާގެ އަސަރު ކުރި ފަރާތްތަކަށް ހިތްވަރާއި ތަސައްލީ ލިބުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން މި ހާދިސާގައި އަނިޔާލިބި، ގެއްލުންތައް ތަހައްމަލުކުރަން ޖެހުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ވީހާ އަވަހަކަށް އެކަމުން އަރައިގަނެވޭނެ ގޮތް ވުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.