ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މިއަދު ހެނދުނުން ފެށިގެން އިހުތިޖާޖު ކުރަމުން ދަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެންދާތީ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާތީ ކަމަށެވެ.
އެކަން ހައްލުކުރަން ބޮޑުކަންނެލީގެ މަސްވެރިންގެ ހުށަހެޅުމަކީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ ކަންނެލީގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކޮށް، ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ތަންފީޒުކުރަން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.
މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު މާލެ އޭރިޔާގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެ އެވެ. އަދިވެސް ސިނާޔަތުގެ ތަރައްގީއަށް ގިނަ ކަންކަން ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.