ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަޝްހޫރު ޕްރެޒެންޓަރު އަހްމަދު ޝަކީބް (ޝަކީއްބެ) ހަމަޖައްސައިފި އެވެ.

ޝަކީބްއަކީ ޕީއެސްއެމްގެ ދަށުން ހިންގަމުންގެންދާ ޓީވީއެމްގައި ޚަބަރު ހުށަހަޅައިދިނުމާއި، ޕްރޮގްރާމުތައް ހުށަހަޅައިދިނުމުގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރެއްވެވި ބޭފުޅެކެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބް ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ތައުލީމީ ދާއިރާގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ޝަކީބް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވި ހަތަރުވަނަ ބޭފުޅާ އެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވީ ކުރީގެ ނޫސްވެރިޔާ ޒީނާ ޒާހިރެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް 24 ގައެވެ. އޭގެ ފަހުން ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަންކުުރީ އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދެވެ. އެމްޑީގެ މަގާމަށް މިދިޔަ އަހަރުގެ އޮގަސްޓް 25 ގައި ސައީދު އައްޔަންކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވީ އެ އަހަރުގެ ޑިސެންބަރު 17 ގައެވެ.