މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ވައި ނުސާފު ކަމަށް، އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.
"އައިކިއު އެއާ" ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގަ އެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 8.3 ގުނަ މަތީ މިންވަރެކެވެ. މިއީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ލޭގެ ތެރެއަށް އެތެރެވާހާ ހިމުން ކުނޑިކަން ވެސް ފާހަގަަކޮށްލެވެއެވެ.
އެ މިންވަރަށް އެހާ ހިމުން ހިރަފުސް ނުވަތަ ކުނޑި ވައިގެ ތެރޭގައި ހުރުމަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި ކުޑަކުދިންނަށް ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. އައިކިއުއެއާ އިން ލަފާކޮށްފައިވާ ގޮތުގައި ވައިގެ ނުސާފުކަން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ މިއަދަށްވުރެ ކުޑަ ތަންކޮޅެއް ރަނގަޅުވުމަށް ފަހު އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށް ވުރެ ވެސް ގޯސްވާނެ އެވެ.
މިއަދު މާލެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ފުސްވެ ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކޮންމެ އަހަރެއްގެ ހުޅަނގުމޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ނުވަތަ ދިވެހިން އާއްމުކޮށް ކިޔައި އުޅޭ ގޮތުން ނަމަ ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެ އެވެ. އަދި ބައެއް ފަހަރު މި މައްސަލަ ވަރަށް ބޮޑުވެ އެވެ.