މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މެރިކަލްޗަރ ސްކީމްއެއް އިފްތިތާހުކޮށްފިއެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި މި ދާއިރާގައި ހަރަކާތްތެރިވާ އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ސްކީމްއެއް ކަމަށެވެ.
މި ސްކީމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗަރގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިކަމުގެ ސަބަބުން، މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެ އެވެ.
މެރިކަލްޗަރ ސްކީމަށް އެދި ހުށަހެޅުމަށް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް، 13 ޑިސެންބަރު 2025 ގައި ހުޅުވާލާނެ އެވެ.
މި ސްކީމްގެ ދަށުން، މެރިކަލްޗަރ ވިޔަފާރިތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މޫދުކޮށި ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިންނެވެ. މި ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.
މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސް ފޯރުކޮށްދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗަރ ސިނާއަތް ތަރައްގީކުރުމަށް މަގުފަހިކޮށްދީ، ލުއި ފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމެވެ. މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތް ގާއިމުކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އައު އިންވެސްޓްމަންޓްތަކުގެ ދޮރުތައް ހުޅުވި އިގްތިސާދީ ކުރިއެރުންތަކެއް ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން އުންމީދު ކުރެ އެވެ.
މި ފައިނޭންސިން އާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވީދާޅުވީ މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، ފަސޭހަ އަދި ލުއި ގޮތެއްގައި މޫދު ކޮށިތަކަށް ފައިނޭންސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު މާލީ އެހީތެރިކަމެއް ކަމަށެވެ.
މި ފައިނޭންސިންގެ ބޭނުން ހިފައިގެން، މެރިކަލްޗަރގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ މިހާރު ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް، އެ މަސައްކަތްތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ވެސް، ގިނަ ބަޔަކަށް މީގެ މަންފާ ލިބޭނެ ކަމެއް ކަމަށާއި މިފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން މެރިކަލްޗަރ ސިނާއަތް ހަރުދަނާވެ އިތުރަށް ކުރިއަރައި ތަރައްގީވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.