ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި ރޭ މާލޭގައި ހިންގަމުން ދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން އަޅާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.
މި ހަފްތާގެ ތެރޭގައި އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިޔަ 18 ބިދޭސީން ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 11 ވިޔަފާރިއެއް ވެސް ބަންދުކޮށްފައިވެ އެވެ. މި 11 ވިޔަފާރި ބަންދުކުރުމަށް ނޯޓިސް ދިން ސަބަބުތަކުގެ ތެރޭގައި، ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނެ އެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" ގެ ނަމުގައި ހާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފަ އެވެ. މިއީ އިކޮނޮމިކް މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީ އަދި ފުލުހުންނާއި އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ.
