ގަވައިދާ ހިލާފަށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 10000 ވުރެ ގިނަ ވޭފް އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރިކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން މިމަހުގެ ހަތަރު ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގާ އެ ޝިޕްމަންޓް ބަލާފާސްކޮށްފައިވާކަމަށެވެ.

މި އޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައިވާކަމަށް ކަސްޓަމުން ބުނެފައިވެއެވެ. އެގޮތުން ޖުމްލަ 10800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ކަސްޓަމުން ބުނެފައިވެއެވެ.

ކަސްޓަމުން ބުނީ މި ވޭޕް ކާޓްރިޖަތަކުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. އަދި މިއީ ވޭފް އެތެރެކުރުން މަނާކުރި ފަހުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމެންޓުކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

ކަސްޓަމުން ބުނީ ވޭޕް މަނާކުރި ފަހުން ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެން ވޭޕްގެ އަދަދު 66،000ވުރެ މައްޗަށް އަރާކަމަށެވެ.