ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވާ ކަމަށެވެ.
ޖުވާ ކުޅުމަކީ މިހާރު ރާއްޖޭގައި ވަރަށް އާންމު ކަމަކަށް ވެފައިވާ އިރު މިކަމާ މެދު އެޅޭނެ ގާނޫނީ ފިޔަވަޅެއް މިހާތަނަށް އަދި ނެތެވެ. ޖުވާ ކުޅުމަކީ އިސްލާމް ދީނުގައި ހަރާމް ކަމަކަށް ވާއިރު އެކަމުގެ ނުބައިކަން ހުތުބާތައް މެދުވެރިކޮށް ވެސް ހަނދާންކޮށްދެމުން ދެ އެވެ. ޖުވާ ކުޅުމަކީ ދުނިޔަވީގޮތުންނާއި މާލީގޮތުން ވެސް އެތައް ގެއްލުމެއް ލިބޭ ކަމެކެވެ.
އެހެންނަމަވެސް އޮންލައިންކޮށް ބެޓު ކުރުމާއި އެކި ކަހަލަ ގޭމްތައް ކުޅުމުގެ ތެރެއިން ޖުވާ ކުޅުމަށް ދިވެހިން އުޅޭކަން ފާހަގަކުރެވެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓު މެދުވެރިކޮށް ޖުވާ ކުޅޭކަން ފާހަގަކޮށް މިފަދަ ސައިޓުތައް ބްލޮކް ކުރާނެކަން ބޭންކް އޮފް މޯލްޑިވްސްއިން ވެސް ބުނެފައިވެ އެވެ.
މި ދުވަސްކޮޅަކީ ރައްޔިތުންގެ މަޖިލީހަށް ޗުއްޓީ ދުވަސްކޮޅުކަމުން މި އިސްލާހުގެ މަސައްކަތް ކުރާނީ އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމުން ކަމަށް ބެލެވެ އެވެ.