އަމާޒަކީ ހައްގުތައް ކަށަވަކުރެވިފައިވާ ވެއްޓެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދިނުންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ( އެޗްއާރްސީއެމް) އިން ބުނެފިއެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހު އެޗްއާރްސީއެމް އިން އާންމުކޮށްފައިވާ ބަޔާނެެއްގައި ބުނީ އަމާޒަކީ ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދީ ހައްގުތަކާމެދު ފުޅާދާއިރާއެއްގައި މަސައްކަތްކޮށް ހައްގުތައް ކަށަވަކުރެވިފައިވާ ވެއްޓެއް ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަށަވަރުކޮށްދިނުންކަމަށެވެ.
ސިއްހީ ފަރުވާ ލިބުމާއި، ރަނގަޅު ތައުލީމެއް ލިބުމާއި، ސާފުތާހިރު މާހައުލެއްގައި ދިރިއުޅުމުގެ ހައްޤުފަދަ މިނޫންވެސް އެތައް ހައްޤުތަކެއްވަނީ ދިރިއުޅުމާ ގުޅިލާމެހިފައިކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނީ ތަފާތުކުރުންތަކުން ބަރީއަވެ ހަމަހަމަކަމާއެކު އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމުގެ މަގްސަދަކީ ހައްގުތަކާމެދު ހޭލުންތެރިކަން އުފައްދައި، ހައްގުތަކާމެދު އިތުބާރު އިތުރުކޮށް، އެންމެން އެކުގައި ގުޅިގެން އެކެއް އަނެކެއްގެ ހައްގުތަކަށް އިހްތިރާމުކުރުމަށް ބާރުއެޅުންކަމަށެވެ.
މި އަހަރުގެ ޝިއާރުގެ މައިގަނޑު މަޤްޞަދަކީ، އިންސާނީ ހައްޤުތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކާވެސް ގުޅިފައިވާ އަސާސީ ކަމެއްކަން ފާހަގަކުރުންކަމަށް އެޗްއާރްސީއެމް ބުނެފައިވެއެވެ.
މީގެއިތުރުން އެޗްއާރްސީއެމް ބުނީ ހައްގުތަކަކީ ބައެއް ފަހަރު އެހާ މުހިއްމު ކަމެއްގޮތުގައި ނުވަތަ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމުގައިވިޔަސް، އެއީ ކޮންމެ ދުވަހަކުވެސް ދިރިއުޅުމުގައި ބަރޯސާ ވާންޖެހޭ އަސާސީ ކަންތައްތަކެއްކަމަށެވެ.
ދުއާއަކީ ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ އަދި އިންސާނީ ހައްގުތައް ކަށަވަރުކުރެވިފައިވާ އިންސާފުވެރި އަމާން ރައްކާތެރި މާހައުލެއްކަމުގައި ލައްވައި އަޅުގަނޑުމެން އެންމެން މިކުރާ މުހިއްމު މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުންކަމަށް އެޗްއާރްސީއެމް އިން ބަޔާނުގައި ބުނެފައިވެއެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ، ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަކުރަމުންދާއިރު، މިއަދަކީ ރަސްމީކޮށް މި ދުވަސް ފާހަކުރަން ފެށިތާ 75 އަހަރު ފުރޭ ދުވަހެވެ. އަދި މިއަދަކީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވުޖޫދުވިތާ 22 އަހަރުފުރޭ ދުވަސްވެސްމެއެވެ.
"އިންސާނީ ހައްގުތައް، އަޅުގަނޑުމެންގެ އާންމުދިރިއުޅުމުގައި ހިމެނޭ ކަންކަން" މިއީ މިއަހަރުގެ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާރެވެ.