މާލޭގެ ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން އުމުރުން ދުވަސްވީ ފިރިހެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިކަމަށެވެ.

އިއްޔެ ހެނދުނު ފުލުހުންނަށް ރިޕޯޓު ކުރި މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެން އުޅޭ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެގެން ހިންގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ ކުރިން ފުލުހުން ބުނި ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. އަދި މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާތީ، އެ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި އިއްޔެ ފަރުވާދީފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.